ހުސްނުވާ އާސަންދަ

ހުސްނުވާ އާސަންދަ އަކީ ކޮބާ؟

ހުސްނުވާ އާސަންދައަކީ، ވަކި ގޮތަކަށް ފަރުމާ ކުރެވި ބައްޓަން ކުރެވި، ކޮންމެ ދިވެހި ރައްޔިތަކު ބޭސްފަރުވާ  ކުރަންޖެހިއްޖެ ޙާލަތެއްގައި، ކުރަން ޖެހޭ ބޭސްފަރުވާގެ ޚަރަދު އާސަންދައިން ހަމަޖެހިގެން ދާނެ ސްކީމެކެވެ.

 

ހުސްނުވާ އާސަންދައިގެ ދަށުން ލިމިޓް ކަނޑައެޅިފައި ވޭތަ؟

- ހުސްނުވާ އާސަންދައިގެ ދަށުން ލިމިޓެއް ކަނޑައެޅިފައިވަނީ ހަމައެކަނި އައިނު ހެއްދުމަށެވެ.

 

އެނދުމަތި ނުކޮށް ކުރެވޭ ބޭސް ފަރުވާ އަށް ލިމިޓެއް ކަނޑައެޅިފައިވޭތަ؟

- ނުވެއެވެ.

 

މާބަނޑު މީހުންނަށް އާސަންދައިގެ ދަށުން ހަމަޖެހެނީ ކޮން ކަންތައްތަކެއް؟

- މާބަނޑު ވުމާގުޅިގެން ދިމާވާ ސިއްޙީ ކަންތައްތައް އާސަންދައިގެ ދަށުން ޙިދުމަތްދެއްވާ މަރުކަޒުތަކުން  ހަމަޖެހިގެން ދާނެއެވެ.

 

އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ފޮނުވިފައިވާ ބަލިމީހުން މެޑިކަލް މެނޭޖްމަންޓް އަށް ހޮސްޕިޓަލް ގައި އެދުމަތި ކުރެވޭ ޙާލަތްތަކުގައި އަމަލު ކުރުމަށް ހަމަޖެހިފައިވަނީ ކޮން ގޮތަކަށް؟

- އެދެވިގެންވާ ޝިފާއެއް ނުލިބި ގިނަ ދުވަސް ވެގެން ދާނަމަ ބަލިމީހާ ރާއްޖެއަށް އަނބުރާ ގެނައުމުގެ ކަންތައް ހަމަޖައްސައި ރާއްޖޭގެ ހޮސްޕިޓަލަކަށް ބަދަލު ކޮށްދެވޭނެއެވެ. އަދި މިގޮތަށް ދިމާވާ ޙާލަތްތަކުގައި ސްޓްރެޗަރ ބޭނުންވާ ނަމަ އެކަން ވެސް ހަމަޖައްސައިދެވޭނެ އެވެ.

 

ހަށިގަނޑުގެ ގުނަވަނެއް (ކިޑްނީ / ލިވަރ) ބަދަލުކުރުމަށް އާސަންދައިގެ ދަށުން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ކިހާވަރެއް؟

- އާސަންދައިން ކަނޑައަޅާ އުޞޫލެއްގެ ދަށުން ހަށިގަނޑުގެ ގުނަވަނެއް  ބަދަލުކުރަންޖެހޭ ކޮންމެ މީހަކަށްވެސް އޮޕަރޭޝަންއާއި ގުޅިގެން ހިގާ ޚަރަދު ހަމަޖައްސައި ދެވޭނެއެވެ. އޮޕަރޭޝަންކުރަން ފޮނުވާނެ ހޮސްޕިޓަލް ވެސް ކަނޑައަޅާނީ އާސަންދައިންނެވެ.

މަސްނުޢީ ޢާލާތްތައް ބޭނުން ކޮށްގެން ކުރާ އޮޕަރޭޝަން ގައި އާސަންދައިގެ ދަށުން ޚަރަދު ކުރަނީ ކިހާ ވަރެއް؟

- އޮޕަރޭޝަންގެ ޚަރަދު އާސަންދައިގެ ދަށުން އެއްކޮށް ހަމަޖައްސައި ދެވޭނެއެވެ.

 

އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭ ޙާލަތް ތަކަކީ ކޮބާ؟

- އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނީ ސްކޫލް ކުދިންނަށާއި 30 އަހަރުން މަތީގެ މީހުންނަށެވެ. މިކަންކުރާނީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މޮބައިލް ކޭމްޕް ބާއްވައިގެންނެވެ.

 

އަލަށް ވިހާ ތުއްތު ކުދިންނަށް މަންމަގެ އައި.ޑީ. ކާޑުގެ ދަށުން ޚިދުމަތް ލިބޭނީ ކިހާ މުއްދަތަކަށް؟

- ކުއްޖާގެ އުމުރުން 28 ދުވަސް ވަންދެނެވެ. ނުވަތަ އެމުއްދަތުގެ ތެރޭގައި ކުއްޖާއަށް އައި.ޑީ.ކާޑު ހަދާފައިވާނަމަ އެދުވަހަކާއި ހަމައަށެވެ.

 

ހުސްނުވާ އާސަންދައިގެ ދަށުން ޚިދުމަތްދިނުމަށް އެކުލަވާލެވިފައިވާ އުޞޫލު

ބަލިމީހާގެ ޓިކެޓް:

  • ބަލިމީހަކަށް އަހަރަކަށް ގިނަވެގެން 4 ޓިކެޓު ހަމަޖެހޭނެއެވެ.
  • ކީމޯތެރަޕީ އާއި ދިގު މުއްދަތްތަކަކަށް ބަހާލައިގެން ފަރުވާގެ ކަންތައް ކުރިޔަށް ގެންދަންޖެހޭ ބަލިމީހުން ޓިކެޓް ހަމަޖައްސައި ދެވޭނީ، ބަލިމީހާއަށް ގިނަވެގެން އަހަރަކު 4 ފަހަރުއެވެ. (ނޯޓް: މިސާލަކަށް ކޮންމެ ތިން ހަފްތާއަކުން ފަރުވާ ކުރަން ޖެހޭ ބަލިމީހުންނަށް ވެސް އަހަރަކަށް ގިނަވެގެން ހަމަޖައްސައި ދެވޭނީ 4 ޓިކެޓެވެ. )

 

  1. އެހީތެރިޔާގެ ޓިކެޓް:
    • ކޮންމެ ބަލިމީހަކު އެންމެ ފުރަތަމަ ފަހަރަށް ދާންޖެހޭ ފަހަރު އޭނާގެ އެހީތެރިޔާއަށް އާސަންދައިން ޓިކެޓު ހަމަޖެހޭނެ އެވެ. މީގެ އިތުރުން ތިރީގައި ދެންނެވިފައިވާ ހާލަތް ތަކުގައި  އަހަރަކު 4 ޓިކެޓު ހަމަޖެހޭނެ އެވެ.

- 18 އަހަރު ނުފުރޭ ކުދިންނާއެކު ދަތުރު  ކުރާ އެހީތެރިޔާ.

- 65 އަހަރުން މަތީގެ މީހުންނާއެކު ދަތުރުކުރާ އެހީތެރިޔާ.

-  ދާއިމީ ނުކުޅެދުން ތެރިކަން ހުންނަ މީހުންނާއެކު ދަތުރުކުރާ އެހީތެރިޔާ.

-  ސްޓްރެޗަރ ގައި ދަތުރުކުރަން ޖެހޭ މީހާގެ އެހީތެރިޔާ.

 

  1. ކޮކްލިޔަރ އިންޕްލާންޓް:
    • އާސަންދައިން ކަޑައަޅާ ރާއްޖެއިންބޭރުގެ ހޮސްޕިޓަލަކަށް، ކަޑައެޅިފައި ޕެކޭޖް އެއްގެ ތެރެއިން މި ޚިދުމަތް ލިބޭނެއެވެ.
    • ބަލިމީހަކަށް ސްކީމްގެ ތެރެއިން  އަހަރަކަށް ޚަރަދު  ކުރެވޭނީ އެއް ކަންފަތުގެ ސާރޖަރީ އަށެވެ.
    • އޮޕަރޭޝަން ކުރުމަށް ފޮނުވާނެ ހޮސްޕިޓަލްއެއް ކަނޑައަޅާނީ އާސަންދައިންނެވެ. ނަމަވެސް ބަލިމީހަގެ އިޚްތިޔާރުން މިކަން ކޮންމެހެން ކުރަން ޖެހިއްޖެ ހިނދެއްގައި، އާސަންދައިން ފޮނުވާ ހޮސްޕިޓަލުގެ ޕެކޭޖް އަގާއި ބަލިމީހާ ޙިޔާރުކުރާ އާސަންދަ ޕެނަލްގެ ހޮސްޕިޓަލުގެ އަގުގެ ތަފާތެއްވާނަމަ އެ ތަފާތު ބަލިމީހާ ކުރިޔާލާ ހޮސްޕިޓަލަށް ދައްކަންވާނެއެވެ.

 

  1. ކިޑްނީ ޓްރާންސްޕްލާންޓްސް:
    • އާސަންދައިން ކަޑައަޅާ ރާއްޖެއިންބޭރުގެ ހޮސްޕިޓަލަކަށް، ކަޑައެޅިފައި ޕެކޭޖް އެއްގެ ތެރެއިން މި ޚިދުމަތް ލިބޭނެއެވެ.
    • ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ކޮލިފައިވާނީ، އުމުރުން 75 އަހަރުން ދަށުގެ ސިއްޙީ ގޮތުން އެކަމަށް ތަންދޭ މީހުނެވެ.
    • ޓްރާންސްޕްލާންޓް ކުރުމަށް ފޮނުވޭނީ،ކިޑްނީ ބަދަލު ކުރުމަށް މެޗްވާ ޑޯނަރެއް އާއިލާގެ ފަރާތުން ހަމަޖެއްސުމުންނެވެ.

 

  1. އެހެނިހެން ޓްރާންސް ޕްލާންޓްތައް: ( ލިވަރ، ބޯންމެރޯ، ފަދަ ގުނަވަންތައް)
    • އާސަންދައިން ކަޑައަޅާ ރާއްޖެއިންބޭރުގެ ހޮސްޕިޓަލަކަށް، ކަޑައެޅިފައި ޕެކޭޖް އެއްގެ ތެރެއިން މި ޚިދުމަތް ލިބޭނެއެވެ.
    • ޓްރާންސް ޕްލާންޓަށް ކޮލިފައިވާނީ، ސިއްޙީ ގޮތުން އެކަންކުރުމަށް ތަންދޭ މީހުންނެވެ.
    • ޓްރާންސްޕްލާންޓް ކުރުމަށް ފޮނުވޭނީ،އެކަމަށް މެޗްވާ ޑޯނަރެއް އާއިލާގެ ފަރާތުން ހަމަޖެއްސުމުންނެވެ.

 

  1.  ރާއްޖެއިން ބޭރުގައި، މެޑިކަލް މެނޭޖް މެންޓުގެ ދަށުން ފަރުވާ ދޭންޖެހޭ ބަލިމީހުން:
  • ރާއްޖެއިން ބޭރަށް މެޑިކަލް މެނޭޖްމެންޓަށްދާ ބަލިމީހުންގެ ފަރުވާ ދިގުދެމިގެންދާ ނަމަ، ފަރުވާދޭ ޑޮކްޓަރުގެ ލަފަޔާއެކު ބަލިމީހާ އަނބުރާ މާލެ ގެނެސްގެން ފަރުވާގެ ކަންތައް މާލޭގައި ކުރިއަށް ގެންގޮސްދެވޭނެއެވެ.
  • ރާއްޖެއިން ބޭރަށް މެޑިކަލް މެނޭޖްމެންޓަށްދާ ބަލިމީހުންނަށް އެކަށީގެންވާ ޝިފާއެއް (ކުރިއެރުމެއް) ނުލިބޭނަމަ،ފަރުވާދޭ ޑޮކްޓަރުގެ ލަފަޔާއެކު ބަލިމީހާ އަނބުރާ މާލެ ގެނެސްގެން ފަރުވާ ކުރިއަށް ގެންގޮސްދެވޭނެއެވެ.
  • ރާއްޖޭގައިވެސް އެއް ރަށުން އަނެއްރަށަށް މެޑިކަލް މެނޭޖްމަންޓަށް ދާ ބަލިމީހުންގެ ފަރުވާ ދިގުދެމިގެންދާނަމަ ނުވަތަ އެކަށީގެންވާ ޝިފާއެއް (ކުރިއެރުމެއް) ނުލިބޭނަމަ،އަނބުރާއެމީހަކު ދިރިއުޅޭ ރަށަށް ފަރުވާގެ ކަންކަން ބަދަލު ކޮށްދެވޭނެއެވެ.
  1. ތެލެސީމިޔާގެ ފަރުވާ:
  • ތެލެސީމިޔާ ބައްޔާއި ގުޅންހުރި އެންމެހާ ފަރުވާ ތަކަކީ ވަކި ޤާނޫނެއްގެ ދަށުން، ވަކި ބަޖެޓަކުން ހަމަޖެހިފައިވާ ކަމެއްކަމުން ތެލެސީމިޔާ ގުޅުންހުރި ބައްޔަށް ފަރުވާ ދޭނީ ނެޝަނަލް ބުލަޑް ސަރވިސަސްއިންނެވެ.
  • ނަމަވެސް، ތެލަސީމިޔާ ބަލި  ކުދިންގެ ތެލެސީމިޔާގެ ފަރުވާ ފިޔަވައި އެހެނިހެން ބަލިތަކަށް އާސަންދައިގެ ދަށުން ބޭސްފަރުވާ ހަމަޖެހޭނެއެވެ.

 

  1. ޕްރީ އޯތޮރައިޒޭޝަން:
  • ކޮންމެ ބަލިމީހަކުވެސް އާސަންދައިގެ ދަށުން ބޭރަށް ފޮނުވޭނީ، ބޭނުންވާ ހުރިހާ މެޑިކަލް ލިޔުންތައް ހުށަހަޅައި، އެރިޕޯޓްތައް މެޑިކަލް ޓީމުން ދިރާސާ ކޮށް އެކަމަށް ހުއްދަ ހަމަޖެހުމުންނެވެ.
  • ރާއްޖެއިން ބޭރަށް ދިޔުމަށް އާސަންދައިގެ ދަށުން ހުއްދަ ދެވޭނީ، ރާއްޖެއިން ލިބިނުދެވޭ ފަރުވާ ތަކަށް އެކަންޏެވެ.
  • އެމެންޖެންސީ ކޮށް ބަލިމީހަކު ބޭރަށް ފޮނުވަން ޖެހިއްޖެ ޙާލަތެއްގައި، ވަގުތުން ވަގުތައް ހުއްދަ ދެވޭނެ އެވެ. ނަމަވެސް އެމެޖެންސީ ނޫން ޙާލަތް ތަކުގައި ހުއްދަ ދެވޭނީ، މިހާރެކޭވެސް އެއްފަދައިން 2 ދުވަހުގެ ތެރޭގައެވެ.
  • ބަލިމީހަކު ރާއްޖެއިން ބޭރުން ފަރުވާކުރުމަށްފަހު، ފޮލޯއަޕް އަށް ފޮނުވޭނީ ޓިކެޓަށް ކަނޑައެޅިފައިވާ އުޞޫލުންނެވެ.
  • ބަލިމީހާ ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ހޮސްޕިޓަލް ކަނޑައަޅާނީ އާސަންދައިންނެވެ. އަދި ބަލިމީހާއަށް ޚަރަދުކުޑަވަނީ އާސަންދައިން ކަނޑައަޅާ ޤައުމު/ސްޓޭޓް ނޫން އާސަންދަ ހޮސްޕިޓަލް ހުންނަ އެހެން ޤައުމު/ސްޓޭޓް ކަމުގައިވިޔަސް، ސްކީމަށް އެންމެ ޚަރަދުކުޑަގޮތަށް އިސްކަންދިނުމުގެ އުޞޫލުން ބަލިމީހާ ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ހޮސްޕިޓަލް ކަނޑައަޅާނީ އާސަންދައިންނެވެ.
  • ނަމަވެސް ދިރިއުޅުމުގެ ވިސާ އޮންނަ މީހުންނަށް، އެމީހަކު ދިރިއުޅޭ ޤައުމަކީ އިންޑިޔާ ނުވަތަ ސްރީލަންކާނަމަ އާސަންދަ އެމްޕެނަލް ހޮސްޕިޓަލަކުން ފަރުވާ ހަމަޖައްސައި ދެވިދާނެއެވެ.
  • ވިސާ އެއްގައި ލަންކާގައި ދިރިއުޅޭ މީހެއްކަމުގައިވިޔަސް ހޯދަންޖެހޭ ފަރުވާ ލަންކާ އަށް ވުރެ އިންޑިޔާ ގެ ހޮސްޕިޓަލްކުން އަގުހެޔޮނަމަ ބަލިމީހާ ފަރުވާ ހޯދުމަށް އިންޑިޔާ އަށް ބަދަލު ކުރެވޭނެއެވެ. މިގޮތުން ބަދަލު ކުރެވޭ ބަލިމީހުން ޓްރާންސްފަރ ކުރުމަށް ބޭނުންވާ ޓިކެޓް ސްކީމް އިން ކަވަރު ކުރާނެއެވެ.
  • (ކަނޑައެޅިފައިވާ  ބޮޑެތި ވަކި ސާރޖަރީތައް) އާސަންދައިން ޕެކޭޖު ކުރެވިފައިވާ ވަކި ސާޖަރީތަކަށް ބަލިމީހާއަށް އާސަންދަ ޕެނަލްގެ ވަކި  ހޮސްޕިޓަލެއް ޚިޔާރުކުރެވިދާނެއެވެ. ނަވަވެސް އާސަންދައިން ފޮނުވާ ހޮސްޕިޓަލުގެ ޕެކޭޖް އަގާއި ބަލިމީހާ ޚިޔާރުކުރާ ހޮސްޕިޓަލުގެ އަގުގެ ތަފާތެއްވާނަމަ އެ ތަފާތު ބަލިމީހާ ކުރިޔާލާ ހޮސްޕިޓަލަށް ދައްކަންވާނެއެވެ.

 

  1. މެޑިކަލް ޗެކަޕް:
  • މެޑިކަލް ޗެކަޕް ހިންގާނީ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުން ކޭންޕްގެ އުޞޫލުންނެވެ.
  •  19 އަހަރާއި 29 އަހަރުގެ ދެމެދުގެ މީހުންނަށް މެޑިކަލް ޗެކަޕް އިސްތިސްނާ ވާނެއެވެ.

 

  1. މަސްނުޢީ އާލާތްތައް:
  • އޮޕަރޭޝަން ކުރުމުގައި ހަށިގަނޑަށް ލައްވާ ހުރިހާ އާލަތެއް %100 އާސަންދައިން ހަމަޖެހޭނެއެވެ.
  • އޮޕަރޭޝަން ކުރުމުގައި ހަށިގަނޑަށް ލައްވާ އާލަތެއް ބޭނުން ނުކޮށްފިނަމަ، ބަލިމީހާގެ ނުކުޅެދުން ތެރިކަމަކަށް ހިގައިދާނެ ފަދަ އާލާތް ތަކުގެ(ކަކުލު ހުޅު، އުކުޅު ހުޅު، ފަދަ ތަކެތި) %100 ހަމަޖެހޭނެއެވެ.
  • އިސްވެ ދިޔަ އާލަތް ތަކުގެ އިތުރުން އޮޕަރޭޝަން ގައި ބޭނުން ކުރެވޭ އާލާތްތައް (އޮޕަރޭޝަން ކުރުމުގައި ބޭނުން ކުރެވޭ ސްޓޭޕްލަރ، މެޝް ފަދަތަކެތި) އާސަންދަ އެންޕެނަލް ވެފައި މަރުކަޒެއް ނުވަތަ ފާމަސީ ތަކުން ދޫކުރާނަމަ  އޭގެ ޚަރަދު ވެސް ހަމަޖެހޭނެއެވެ.
  • ރާއްޖޭގައި ނަމަ، އާޓިފިޝަލް އިންޕްލާންޓްސް ވިއްކާ ނުވަތަ ސަޕްލައި ކުރާ ފަރާތް ތައް އާސަންދަ ޕްރޮވައިޑަރުން ގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.